ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ދެވަނަ ފަހަރަށް ވައްދައިފިއެވެ.
މިމަހުގެ ކުރީކޮޅު އަބުޅޯ މިމައްސަލަ މަޖިލީހަށް ހުށައެޅި ނަމަވެސް އެދުވަހު އިތުރު ކަންތައްތަކެއް ފާހަގަކުރެވޭތީ އިސްލާހު ކުރުމަށް ފަހު ހުށައެޅުމަށް މެމްބަރު ވަނީ މައްސަލަ އަނބުރާ ނަގާފައެވެ.
ފުރަތަމަ ފަހަރު މައްސަލަ ހުށައެޅިއިރު ފަސް ކަމެއް އަބުޅޯ ފާހަގަކޮށްފައިވާއިރު މިފަހަރު މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 8 ނުކުތާއެއް ފާހަގަކުރުމަށް ފަހުގައެވެ.
މެމްބަރު އަބުޅޯ ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ނިމިގެން ދިޔަ ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރުކުރުމަށް ޕީޖީ އެދިފައިވަނީ ސަބަބުތައް ރަނގަޅަށް އޮޅުން ނުފިލުވާ ކަމަށާއި ދޭން ޖެހޭ އަހައްމިއްޔަތު ކަން ފުރިހަމައަށް ނުދީ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރަން އެދިފައިވަނީ މަޖިލީހުގެ އިޖުރާއަތުތަކާ ޚިލާފަށް ކަން ހިމެނެއެވެ.
މީގެ އިތުރުން، ޖިނާއީ ކުށްތަކުގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުން ބަންދުކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފު ވުމާއި އެ ގާނޫނުގައި ބަޔާންވާ އިޖުރާއަތުތައް ފުރިހަމަނުކުރުމާއި ބައެއް ހައްގުތައް ހަނިކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ބަންދު ކުރެވޭ މީހާގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު ހަނިކޮށްފައިވާކަމަށް މެމްބަރު ފާހަގަކުރިއެވެ.
އަދި އާންމު ރައްޔިތުންގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ފުލުހުން އާންމުން ހައްޔަރުކޮށްގެން ބަންދުކުރި ކަމަށާއި އެއީވެސް ޕްރޮސެކިއުޓާ ޖެނެރަލް ބަލަން ޖެހޭ ކަންތައްތައް ކަން ގާނޫނު އަސާސީގައި ބަޔާންވެފައި އޮތްހިނދު އެކަން ނުކުރައްވާފައިވާކަން ފާހަގަކުރިއެވެ.
މެމްބަރު އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ހޯދުމުގެ މަގުސަދުގައި އެމެމްބަރުގެ އަނބިމީހާ ފުލުސް އޮފީހުގައި "ރަހީނު" ކުރުމުން ވެސް އެކަމާ މެދު ބަހެއް ނުބުނެ އެއްވެސް އަމަލެއް، ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެ، އެކަންވެސް ފާހަގަކޮށްފައެވެ. ފަހު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކަށް ލިބެން ޖެހޭ އިނާޔަތްތައް ނުލިބުމާއި ބަންދުކޮށްފައި ތިބޭ މީހުން ބައިތިއްބާ ތަނުގެ ހާލަތާ މެދު ހުށައެޅުނު މައްސަލަތައް ބަލާފައިނުވާ ކަމެވެ.
މިނުކުތާތަކަށް ރިއާޔަތްކޮށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތް ބިޝާމްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމަށް މެމްބަރު އަބްދުﷲ ވަނީ މަޖިލީހަށް ހުށައަޅާފައެވެ.