Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ސިފައިން ވަދެ މަޖްލިސް ހުއްޓުވި މައްސަލަ ތަހުގީގު ކުރަން ހުށަހަޅައިފި

މަޖްލިސް މައި ދޮރުމަތީގައި ސިފައިން އެތުރިލައިގެން.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިފައިން ވަދެ މަޖްލިސް މެމްބަރުން ބޭރުކޮށް، މަޖްލިސް ހުއްޓުވި މައްސަލަ ތަހްގީގު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސިފައިން ވަދެ މަޖްލިސް ހުއްޓުވި މައްސަލަ ތަހްގީގު ކުރުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިހަށް ހުށަހެޅުމާއި ގުޅިގެން އޭރު މަޖްލިސްގެ މެޖޯރިޓީ އޮތް ޕީޕީއެމްގެ ބާރު ބޭނުންކޮށްގެން ސިފައިން ވައްދައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަޖްލިސްގެ އިދާރާއިން ބޭރުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖްލިސް މެމްބަރުން ޖުމްހުރީ ޕާޓީގެ ޖަގަހަ ކުނޫޒުން ނިކުމެގެން މަޖްލިސްގެ އިދާރާއަށް ވަޑައިގަންނަވަން ފެށުމުން ފުލުހުން ވަނީ މެމްބަރުންނަށް ހުރަސް އަޅުއްވާފައެވެ. އެގޮތުން ހުރަސް އަޅައި މިހާރުގެ ރައީސް އަދި ކުރީގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ބިންމައްޗަށް ވައްޓާލާފައިވެއެވެ. އަދި ސިފައިން ވައްދައި ބައެއް މެމްބަރުން މަޖްލިސްގެ އިދާރާއިން ނެރެ ބޭރުކޮށް މަޖްލިސްގެ އިދާރާގައި ސިފައިން ތަޅުއެޅުވިއެވެ.

އިމްތިޔާޒު ފަހުމީ މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އެ ދުވަހު މެމްބަރުން މަޖިލީހަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެސްއޯ ފުލުހުންނާއި ސިފައިން އެ މެމްބަރުންގެ ގަޔަށް އަތްލައި، މެމްބަރުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި މެމްބަރުން މަޖިލީހުގެ އިދާރާ އިން ބޭރުކޮށްލީ "ދަމައި ކޫއްތާފައި" ކަމަށެވެ.

އިމްތިޔާޒު ފަހުމީ ވިދާޅުވީ އެދުވަހު މަޖްލިސް މެމްބަރުންނަށް ހުރަސްއެޅި ސިފައިންނާއި ފުލުހުން މަޖްލިސްގެ އިމްތިޔާޒު ކޮމެޓީއަށް ހާޒިރު ކުރަންޖެހޭކަމަށެވެ.