ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހެދުމަށާއި، ދެ ގައުމުގެ ދެމެދުގައި އަސްކަރީ އެއްބަސްވުންތަކެއް އެކުލަވާލައި ރާއްޖެއަށް އިންޑިއާއިން 1 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް މާރިޔާ ވިދާޅުވީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނަހަދާނެކަމަށެވެ.
ރާއްޖެޓީވީ "ފަލަ ސުރުހީ"ގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖެ އޮތީ އިންޑިއާ ތެރޭގައިހެން ބުނެވޭހާ ކައިރީގައިކަމަށާއި، އިންޑިއާއަށް ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމަށް މުހިއްމެއް ނޫންކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ މިއޮތް ހުރިހާ ދުވަސްވީއިރުވެސް ނެތޭ އިންޑިއާގެ ބޭސްއެއް އަޅުގަނޑުމެންގެ ރާއްޖޭގައި ހަދާފައެއް. އަދި އިންޑިއާގެ ބޭސްއެއް ހަދަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް. އެއީ މި ދަންނަވާހެން އެ މީހުންގެ ޤައުމު އެ އޮތީ މިރާއްޖެ ތެރޭގަހެން ބުނާހާ ކައިރީގައި،"
މާރިޔާ ވިދާޅުވީ މި ސަރުކާރުން ހުރިހާ ގައުމުތަކާއި އެކުވެސް ގުޅުން ރަނގަޅު ކުރާނެކަމަށާއި، އެގޮތުން އިންޑިއާ އަދި ޗައިނާގެ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
މާރިޔާ ވަނީ ދާދިފަހުން އިންޑިއާ/ލަންކާ/ ދިވެހި ރާއްޖެ ގުޅިގެން ބޭއްްވި ކަނޑުގެ ސިފައިންގެ ހަރަކާތް ބައްލަވާލައްވާފައެވެ. ރައީސް ސޯލިހު ހުވާ ކުރެއްވުމަށްފަހު އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ އަޑުވަނީ ގަދަވާން ފަށާފައެވެ.