ޗައިނާ އިން ވެސް ބޭނުންވަނީ ރާއްޖޭގައި އެގައުމުގެ މިލިޓަރީ ބޭސްއެއް އެޅުމަށް ކަމަށާއި ރައީސް އިބޫގެ ސިޔާސަތުގައި އެއްވެސް ގައުމެއްގެ އަސްކަރީ މަސައްކަތް ރާއްޖޭގައި ކުރެވެން ނެތް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ވިދާޅުވީ ޗައިނާއިން ދިވެހި ރާއްޖެއާއި އަސްކަރީ ގުޅުން ބާއްވަން ޝައުގުވެރިކަން ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެމީހުންގެ އަސްކަރީ މަރުކަޒެއް އެޅުމަށް ޝަރުތުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޒަމާނުއްސުރެ ދިވެހިން އަސްކަރީ ގުޅުން ބާއްވާ ގައުމުތަކަކީ އިންޑިޔާ އަދި ލަންކާ ކަމަށާއި އެ ދެ ގައުމާއި އަސްކަރީ ގުޅުން ގާއިމުކުރީ އަވަށްޓެރި ގައުމުތަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިޔާ އަދި ލަންކާއާއި އަސްކަރީ ގުޅުން ބޭއްވި ނަމަވެސް އެއްވެސް ގައުމަކަށް ރާއްޖޭގައި އަސްކަރީ މަރުކަޒު އަޅައި އެހެން ގައުމުތަކުގެ އަސްކަރީ މަސައްކަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މިއީ ސަރުކާރުން މިފަދަ ބަހެއް ބުނި ދެވަނަ ފަހަރެވެ. މީގެ ކުރިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވެސް ވަނީ އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒެއް އެޅުމަށް ރާއްޖެއިން ހުއްދަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.