ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވަކި ބޭފުޅަކަށް ތާއިދު ނުކުރައްވާނެކަމަށާއި އެމަނިކުފާން ހުންނަވާނީ ހުރިހާ ބޭފުޅުންނާއި އެކުގައި ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވައިކަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން އޮފީސް ހުޅުއްވަން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއަކީ ޕާޓީގައި ބޭއްވޭ އެންމެ މުހިއްމު ހަރަކާތްކަމަށެވެ. އަދި އެމަނިކުފާން ހުންނަވާނީ ހުރިހާ ކެންޑިޑޭޓުންނާއި އެކުގައި ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ކުރިއަރުވަން ބޭނުންވަނީ ޕާޓީގެ ފަލްސަފާ އާއި ޕާޓީގެ މަސްލަހަތު ކަމަށެވެ. އަދި ވަކި މީހެއްގެ މަސްްލަހަތު ނޫންކަމަށެވެ.
"އިންތިހާބުތަކުގައި ކުރިއަރުންވަން ބޭނުންވަނީ ޕާޓީގެ މަސްލަހަތު، ކެންޑިޑޭޓުގެ މަސްލަހަތެއް ނޫން، ހުރިހާ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުންނަށް އެނގިވަޑައިގަތުން ވަރަށް މުހިއްމު އަދި އެކިއެކި ކެންޑިޑޭޓުންނަށް ތާއިދު ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ސާފުވެފައި އޮތުން ވަރަށް މުހިއްމު އެއްކެންޑިޑޭޓުކަން ޕާޓީގެ ފަރާތުން ނުކުންނާނީ ހުރިހާ މެމްބަރުން އެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް އެއްބަސްވެ އިގްރާރު ވާން ޖެހޭނެ"
ނަޝީދު ވިދާޅުވީ ޕްރައިމަރީން މޮޅުވާނީ އެއް ކެންޑިޑޭޓު ކަމަަށާއި މޮޅުވާ ކެންޑިޑޭޓާއި އެކު މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. ޕްރައިމަރީއަށް ފަހު ޕާޓީ ތެރޭގައި ބައިބައިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެގޮތަށް ކަންކަން ނުކުރެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު ބާއްވަން މަސައްކަތް ކުރަމުންދާއިރު ޕާޓީ ތަކުން ވާދަކުރާނެ ދާއިރާތަކާއި އުސޫލު މާދަމާ ހަމަޖެހިގެންދާނެކަމަށް ހަތަރު ލީޑަރުން ވަނީ ވިދާޅުވެފައެވެ.
"