ރައްޔިތުންގެ މަޖްލިސް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހުއްޓުވި މައްސަލާގައި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު އާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އާއި މަޖްލިސްގެ ކުރީގެ ރައިސް އަބްދުﷲ މަސީހު މުހައްމަދު މަޖްލިސްގެ އިމްތިޔާޒު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު މަޖްލިސްގެ އިދާރާއަށް ނުވަދެވޭނެހެން ސިފައިންނާއި ފުލުހުން މެމްބަރުންނަށް ހުރަސް އެޅި މައްސަލަ ބަލައި ދިނުމަށް މަޖިލީހަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައެވެ.
އެމައްސަލަ ބެލުމަށް މަޖްލިސްގެ އިމްތިޔާޒު ކޮމެޓީއަށް ހުށަހަޅާފައިވާ އިރު މިއަދު އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެކަން ތަހްގީގު ކުރުމަށް އަޒްލީން އާއި މަސީހު އަދި ޝިޔާމް އާއި އާދަމް ޝަރީފު އުމަރު ހާޒިރު ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފު މުހައްމަދު ވިދާޅުވީ މަޖްލިސް މެމްބަރުންނަށް ހުރަސް އަޅައި މެމްބަރުން މަޖްލިސް ކުރާ ގޭގެ ފާރުމަތިން ވައްޓާލައި ހިންގި ޖަރީމާއަކީ އެންމެ ސީރިއަސް މައްސަލައިގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށެވެ.
ލަޠީފު ވިދާޅުވީ މެމްބަރުން ހައްޔަރުކޮށް މެމްބަރުންނަށް ހުރަސް އެޅި ފަރާތްތައް ޒިއްމާ ނަގަން ޖެހޭ ކަމަށެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މެމްބަރުން މަޖްލިސްގެ ގޯތި ތެރޭގައި ތިއްބާ ސިފައިން ނަހަމަ ބާރު ބޭނުންކޮށް މެމްބަރުން މަޖްލިސް ކުރާގޭގެ ގޯތި ތެރެއިން ނެރުނު މައްސަލަ ބަލައި އެކަމުގައި ޝާމިލްވި ހުރިހާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ހުށަހެޅި މިމައްސަލާގައި ވަކިވަކި ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވަނީ ދެކޮޅު ހައްދަވާފައެވެ. ހަލީލު ވިދާޅުވީ ވަކިވަކި ފަރާތްތައް ހާޒިރު ނުކޮށްވެސް މައްސަލަ ބެލޭނެކަމަށެވެ.