Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަންހެނުންގެ ކޮމިޓީއަށް މެމްބަރުން އިންތިޚާބުކޮށްފި

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ(ޑަބްލިއުޑީސީ) އަށް މެންބަރުން ހޮވައިފިއެވެ.

މިއަދު ބޭއްވި ޑަބްލިއުޑީސީ އިންތިޚާބުގެ އެކި ދާއިރާތަކުގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިޢުލާން ކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިތަދޫ އުތުރު ދާއިރާގެ ފޮށިން ކުރި ހޯދީ ކެންޑިޑޭޓް ނަންބަރު 1 އާމިނަތު ނަދާއެވެ. ނަދާއަށް ލިބުނު ވޯޓުގެ އަދަދަކީ 183ކެވެ. ކެންޑިޑޭޓް ނަންބަރު 2 ފާތިމަތު ހަނީފާއަށް ލިބުނީ 129 ވޯޓެވެ.

ހިތަދޫ މެދު ދާއިރާއަށް 3 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ކެންޑިޑޭޓް ނަންބަރު 1 ފާތިމަތު ޒުބައިރުއަށް ލިބުނީ 88 ވޯޓެވެ. 166 ވޯޓާއެކު ކެންޑިޑޭޓް ނަންބަރު 2 ގެގޮތުގައި ވޯޓުން ކުރި ހޯއްދެވީ އާމިނަތު ހަފީޒާއެވެ. ކެންޑިޑޭޓް ނަންބަރު 3 އައިޝަތު އަފީފާއަށް ލިބުނީ 93 ވޯޓެވެ.

ހިތަދޫ ދެކުނު ދާއިރާއިން ކުރި ހޯއްދެވި ކެންޑިޑޭޓް ނަންބަރު 1 އާމިނަތު ޝިހާބަށް ލިބުނީ 184 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 2 އާމިނަތު ޢަލީއަށް ލިބުނީ 135 ވޯޓެވެ.

މަރަދޫ ދާއިރާއިން ކުރި ހޯއްދެވި ކެންޑިޑޭޓް ނަންބަރު 1 ޝަފްޤާ ޝަފީޤަށް ލިބުނީ 185 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 2 އަދި މިހާރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޝެހެނާޒް ރަޝީދަށް ލިބުނީ 179 ވޯޓެވެ.

މީދޫ ދާއިރާގެ ވޯޓުން ކުރި ހޯއްދެވި ކެންޑިޑޭޓް ނަންބަރު 2 އާމިނަތު ޚާލިސާއަށް މަރަދޫފޭދޫ އަދި މީދޫގައި ބެހެއްޓުނު ދެފޮށިން ލިބުނީ 247 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު 1 ނާދިޔާ ހަސަންއަށް ލިބުނީ 212 ވޯޓެވެ. ފޭދޫ ދައިރާގެ ވޯޓު ފޮށިން ކުރި ހޯއްދެވީ 365 ވޯޓުން ކެންޑިޑޭޓް ނަންބަރު 1 ހައްވާ ޒާހިރާއެވެ. ކެންޑިޑޭޓް ނަންބަރު 2 ޖުނައިފާ މުހައްމަދު އަށް ލިބުނީ 261 ވޯޓެވެ.

ޑަބްލިއުޑީސީއަށް މެންބަރުން ހޮވުމަށް ބޭއްވުނު އިންތިޚާބުގައި ހިތަދޫ ފިޔަވައި އެހެން ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓިފައިވަނީ އެރަށްރަށުގެ އޮފީހުގެ ގޯތި ތެރޭގައެވެ. ހިތަދޫގެ ތިން ދާއިރާގެ ވޯޓު ފޮށިތަކުގެ ތެރެއިން އުތުރު ދާއިރާގެ ވޯޓުލުން އޮތީ ހިތަދޫ ސްކޫލްގައެވެ. މެދު ދާއިރާގެ ވޯޓުލުން އޮތީ ނޫރާނީ ސްކޫލްގައެވެ. ދެކުނު ދާއިރާގެ ވޯޓުލުން ބޭއްވުނީ މެދުވަލު ސްކޫލްގައެވެ.

ހުޅުދޫ ދާއިރާ އަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓަކަށް ވުމުން އެދާއިރާގެ އިންތިހާބެއް ނުބާއްވައެވެ. ހުޅުދޫ ދާއިރާއަށް ކުރިމަތި ލެއްވި ޝާމާ އިބްރާހީމް، މީދޫ، މޫންލައިޓްގެ ވަނީ އިންތިހާބަކާއި ނުލައި ހޮވިފައެވެ.