Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އަސްކަރީ ބޭސްއެއް ހެދުމަށް ޗައިނާއިން ރާއްޖެއަށް ޝަރުޠު ނުކުރޭ: ޗައިނާ

ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭސްއެއް ހެދުމަށް އެއްވެސް އިރެއްގައި ޝަރުޠުކޮށްފައި ނުވާކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒާންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޒާން ލިޒޯންގ މިހެން ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖެ އާއި އެކު އަސްކަރީ ގުޅުން ބާއްވަން ޝައުގުވެރިކަން ހުށައަޅާފައިވާ ކަމަށާއި އަސްކަރީ ގުޅުން ގާއިމް ކުރަން ބޭނުންވަނީ ރާއްޖޭގައި ޗައިނާގެ އަސްކަރީ ބޭސްއެއް ހަދައިގެން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނިކޮށެވެ.

ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ"ގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޗައިނާއިން ދިވެހި ރާއްޖެއާއި އަސްކަރީ ގުޅުން ބާއްވަން ޝައުގުވެރިކަން ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެމީހުންގެ އަސްކަރީ މަރުކަޒެއް އެޅުމަށް ޝަރުތުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޒަމާނުއްސުރެ ދިވެހިން އަސްކަރީ ގުޅުން ބާއްވާ ގައުމުތަކަކީ އިންޑިޔާ އަދި ލަންކާ ކަމަށާއި އެ ދެ ގައުމާއި އަސްކަރީ ގުޅުން ގާއިމުކުރީ އަވަށްޓެރި ގައުމުތަކަށް ވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިވާހަކަތަަކަށް ރައްދު ދެއްވައި ލިޒޯންގ ވިދާޅުވީ ރާއްޖެއަށް ޗައިނާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނީ އެއްވެސް ޝަރުޠެއް ނެތި ކަމަށެވެ. އަދި އާއްމުކޮށް ޗައިނާއިން އެފަދަ ޝަރުޠު ނުކުރާކަމަށް ލިޒޯންގ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާ ދެމެދު ގާތް ގުޅުމެއް އުފެދިގެން ދިޔައެވެ. އެގުޅުމުގެ ތެރެއިން މާލެ އާއި ހުޅުމާލެ ގުޅާލުމަށް ސިނަމާލެ ބްރިޖު އަޅައި، ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި 25 ބުރި އިމާރާތެއް ވަނީ އަޅާފައެެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީގެ މަޝްރޫއު އާއި ހުޅުމާލެ ހައުސިން މަޝްރުއު ހިމެނެއެވެ.