ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ޖުމްހުރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރުކަން ކުރައްވަމުން ގެންދެވި ރިޔާޒު ޖޭޕީ އާއި ގުޅުމުން ޖޭޕީގެ މަޖްލިސް މެމްބަރުންގެ އަދަދު 22 އަށް އެރީއެވެ.
ރިޔާޒު ޖޭޕީއަށް ސޮއި ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާޒު ޖޭޕީއަށް ސޮއިކުރެއްވީ ދިވެހި ގައުމުގެ ލާބަޔާއި މަންފާއަށް ކަމަށެވެ.
ގާސިމް ވިދާޅުވީ ރިޔާޒު އެޕާޓީ އާއި ގުޅުނީ ކޮންމެހެން ޕާޓީ ޓިކެޓުގެ ބޭނުމުގައި ނޫންކަމަށެވެ. އަދި ރިޔާޒަކީ ދުވަހަކުވެސް އެމަނިކުފާނާއި ގުޅޭ ގޮތުން ގޯސް ބަހެއް ވިދާޅުވި ބޭފުޅެއް ނޫންކަމަށެވެ.
ފާއިތުވި ދުވަސް ތަކުގައި ޖޭޕީއަށް ގިނަ އަދަދެއްގެ މަޖްލިސް މެމްބަރުން ސޮއި ކުރައްވާފައިވާ އިރު ގިނަ މެމްބަރުން ޖޭޕީ އާއި ގުޅެނީ ޕާޓީ ޓިކެޓު ހޯދުމަށްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ.