Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ފައިސާ އާއި ޑްރަގްސް ފެނުނީ ރެޑްރޯސް ގެއިން!

އިއްޔެ ރޭ ކޯޓް އަމުރެއްގެ ދަށުން ފުުލުހުން ސ. ހިތަދޫގެ ތިން ގެއެއް ބަލައި ފާސް ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި އިލެޓްރޯނިކް ސާމާނުތަކެއް ފެނުނީ އެ ރަށު ރެޑް ރޯސް ގެއިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން ތިން ގެއެއް ފާސް ކުރީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ހިންގި އޮޕަރޭޝަނުގައި ރެޑް ރޯސް ގެއިން 1،000 ޔޫއެސް ޑޮލަރާއި 40،000ރ. އަށް ވުރެ ގިނަ ރުފިޔާއާއި 20،000 ރުފިޔާގެ ޗެކެއްގެ އިތުރުން ޗެކް ފޮތަކާއި 2 ލެޕްޓޮޕާއި ތިން އެކްސްޓާނަލް ހާޑްގެ އިތުރުން ދެ ފޯނާއި ދެ ސީޑީ ފެނިފައި ވެ އެވެ.

މީގެ އިތުރުން އެގޭ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 87 ސެލޯފިންކޮޅާއި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެހެން ނަމަވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެެއް އަދި ޗެކް ކުރި އަނެއް ދެ ގެއިން އެއްވެސް އެއްޗެއް ފެނުނު ކަމެއް އަދި އެއީ ކޮން ދެ ގެއެއް ކަމެއް ފުލުހުން ނުބުނެ އެވެ.