Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ޕީޕީއެމްގެ އަޑު ކެނޑިއްޖެ!

ރައީސް ޔާމީން، ފޮޓޯ: މިހާރު

ޑިމޮކްރަސީއެއް ގާއިމުވެ ފުރިހަމަވަނީ އޭގައި ވަރަށް ގިނަ ކަންތައްތަކެއް، ސިފަތަކެއް އަށަގަނެވިގެންނެވެ. ވެރިކަން ކުރަން ތިބޭ ބަޔަކު ޒިންމާދާރު ކުރުވާ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނުވަތަ ޕާޓީތަކަކީ އޭގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ބެލެވެއެވެ.

ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭވި، ބޮޑު ތަފާތަކުން ވެރިޔަކަށް ހުންނެވި އަބްދުﷲ ޔާމީނަށް އިތުރު ދައުރެއް ދޭން ބޭނުން ނުވާ ކަމަށް ދިވެހިން އެއްބަސްވެ ސިއްކަ ޖަހައިފިއެވެ. ފަހަރެއްގައި ވެސް އެއީ އެމަނިކުފާނު އުއްމީދު ކުރި ނަތީޖާއެއް ނޫނެވެ.

ޖެހިގެން އައި ހަފްތާތަކުން ފެނިގެން ދިޔައީ އެމަންޒަރެވެ. ވޯޓު އޮޅުވާލި ކަމަށް ބުނެ އިންތިޚާބު ބާތިލުކުރަން އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓަށް ހުށައަޅައި ބުއްދި ގަބޫލުނުކުރެވޭ ވާހަކަތައް ޕޯޑިއަމްތަކުގައި ދެކެވުނެވެ. ނަމަވެސް އެ ވާހަކަތަކުގައި ބުރަދަނެއް ނެތުމުން ކޯޓުން އިންތިޚާބު ބާތިލުނުކުރެވޭނެ ކަން އަންގައި ހުކުމް އިއްވިއެވެ.

އެހިސާބުން ދެން ޖަހާނެ އިތުރު މަންތިރިއެއް ކުޅޭނެ އިތުރު ކުޅުމެއް ނެތި ރައީސް ޔާމީން "ސައި" ވުމުން އެކުގައި ތިބި މީހުން ފަހަރަކު މީހަކު ފަހަރަކު މީހެއް ކަމަށް ދުރަށް ދާން ފެށިއެވެ. އޭރު ކީހާ ޅެން ފަރިއްސަށް ހެދި މިމީހުން ބަލައިގަންނަ ބައިގަނޑެއް ވެސް އޮތަތީވެ ފަހަރަކު މީހެއް ކަމަށް އެބައިގަނޑަށް ވަންނަނީއެވެ.

އެބައިގަނޑުގެ މަގުސަދަކީ ބޯ ގިނަ ކުރުން ކަމަށްވާތީ އެމީހުންނަށް އޭރު ކީ އެއްވެސް އެއްޗެއް މުހިންމެއް ނުވިއެވެ. މިމީހުންނަށް މުހިންމީ އާރާއި ބާރު ކަމަށްވާތީ މިމީހުންނަށް ވެސް އޭރު ކިޔެވުނު އެއްޗެއް ހަނދާން ކުރާކަކަށް ބޭނުމެއް ނުވިއެވެ.

އޭރު ޓީވީ ޗެނެލްތަކުގައި އިދިކޮޅުގައި ތިބި ފަރާތްތަކާ ދެކޮޅަށް ހެއްދެވި ނެހެއްދެވި ގޮވަމުން ދިޔަ މީހުން ޓީވީތަކަށް އަރާ ހިތެއް ނުވެއެވެ. ޕޯޑިއަމެއް ނެތެވެ. ވެރިކަމުން ވެއްޓި އޭގެ ހިތާމަފުޅުގައި ޔާމީން، މިސަރުކާރުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިއެއް ނުވިއެވެ.

ޕީޕީއެމްގެ ލީޑަރު ގެއްލި ކޮންގްރެސް އިން ހޮވި ލީޑަރުންގެ ޚަބަރެއް ހިލަމެއް ނުވެ އިދިކޮޅު ސިޔާސީ ޕާޓީއެއް މިރާއްޖޭގައި މިވަގުތު ނެތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަރުކާރުން ކަމެއް ގޯސްކޮށް ކޮށްފިނަމަ އެކަން ގޯހޭ ބުނާ ބަޔަކަށް ވެފައިވަނީ ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ މިސަރުކާރު ގެނައުމަށް މަސައްކަތް ކުރި މީހުންނެވެ. މިއަދު އިދިކޮޅު ފަރާތެއްގެ ވާޖިބު އަދާކުރަނީ ސޯޝަލް މީޑިޔާއެވެ.

އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގެ ވެރިން ޕާޓީ ހަމަ މަގަށް އަޅުގައި ޒިންމާ އަދާ ނުކުރައްވައިފިނަމަ ރާއްޖޭގެ ޑިމޮކްރަސީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ކަށަވަރެވެ.