ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ރޭ ޖުމުހޫރީ ޕާޓީއާ ގުޅުމުން މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކަށް ޖޭޕީވެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ލިބިއްޖެއެވެ.
ޕީޕީއެމްގައި ކުރިން ތިއްބެވި ގިނަ މެމްބަރުންތަކެއް ޖޭޕީއާ ގުޅެމުން އަންނައިރު ގޮނޑި ގެއްލުވާލި ބައެއް މެމްބަރުން ވެސް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައެވެ. ޖޭޕީގައި މިހާރު ތިއްބެވީ 20 މެމްބަރުންނެވެ. އެމްޑީޕީގައި ތިއްބެވީ 19 މެމްބަރުންނެވެ.
ނަމަވެސް އަދި މަޖިލީހުގައި ގިނައީ ޕީޕީއެމް މެމްބަރުންނެވެ. ޕީޕީއެމްގައި 28 މެމްބަރުން ތިއްބަވާއިރު މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކެވެ.
ރިޔާޒަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ލިބުނު ނަމަވެސް ޖޮއިންޓް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.