Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް ތިބެން ހުއްދަ ނުދެން: ސަރުކާރު

އިންޑިއާގެ ހެލިކެޕްޓަރ އަކުން ޑިފެންސް މިނިސްޓަރ މާރިޔާ ފައިބާވަޑައިގަންނަވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީކޮށް ތިބެން ހުއްދަ ނުދޭ، ފޮޓޯ: މިހާރު

އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް ތިބެން ހުއްދަ ދިންކަމަށް ދެކެވޭ ވާހަކަ ދިވެހި ސަރުކާރުން ދޮގު ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ލިބޭ މާލީ ނުވަތަ އެހެނިހެން މާއްދީ ފައިދާއެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަށް، ދިވެހި ސަރުކާރުން ހުއްދަ ދިނުމަށް ރާވަމުންދާ ކަމަށް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ސަރުކާރުން ބުނީ މި ވާހަކަތަކަކީ އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ރާއްޖެއިން އަލުން ގުޅުން ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަަމަށެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ އެެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެކަށެވެ.

ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވަނީ ހެލިކޮޕްޓަރ ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި ދާއިމީކޮށް އިންޑިއާ ސިފައިން ބޭތިއްބުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާކަމަށް ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.