"މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ"، އެމްޓީޑީން އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކުޝަނުން ދިން ވިޔަފާރިވެރިން ޖަމިއްޔާގެ ރައީސް އިސްމާއީލް އާސިފް ވިދާޅުވީ ޕާޓީން އެންމެ ފުރަތަމޖަ މަސައްކަތް ކުރާނީ 3000 މީހުން ހަމަކޮށް ރަޖިސްޓްރީ ކުރުމަށް ކަަމަށެވެ. އަދި އަންނަ މަޖްލިސް އިންތިހާބުގައި ޕާޓީން ވާދަ ކުރާނެކަމަށް އާސިފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީއެއް. އެހެންވީމަ ސިޔާސީ ޕާޓީއަކުން ކުރާ ހުރިހާ ކަމެއްވެސް އަޅުގަނޑުމެންވެސް ކުރާނެ، އެއީ މަޖިލިސް އިންތިޚާބު ކަމަށްވިއަސް އަދި އެހެނިހެން ކަންކަމުގައި ވިއަސް،" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެޕާޓީ އަކީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާނެ ޕާޓީއެެއް ނޫން ކަމަށާއި ނަމަވެސް ސަރުކާރުން ކުރާ ގޯސް ކަންކަމުގައި އަޑު އުފުލައި ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
އެމްޓީޑީ އުފެއްދުމަށް ހުއްދަ ދިނުމާއި އެކު އެންމެ ފުރަތަމަ ބޭފުޅަކަށް އެެޕާޓީ އާއި ގުޅިވަޑައިގަތީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުއެވެ. އަދީބުގެ ފަހުން އަދީބަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ޕާޓީ އާއި ގުޅިފައެވެ. އާސިފް ވިދާޅުވީ މިހާރު އެންމެ ބާރަށް ކުރިއަށްދަނީ މެމްބަރުންގެ ރަޖިސްޓްރޭޝަން މަސައްކަތް ކަމަށެވެ.