ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އިން ވާދަކުރާނެ ދާއިރާތައް އިއުލާންކުރުން ފަސްކޮށްފި އެވެ.
އެމްޑީޕީ އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާންކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިއަދު ނަމަވެސް، މާދަމާ އަށް އެކަން ފަސްކޮށްފައިވާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.
ވާދަކުރާ ދާއިރާތައް އިއުލާންކުރުން އެމްޑީޕީ އިން ލަސްކޮށްފައިވާއިރު، މަޖިލިސް އިންތިޚާބުގައި ކޯލިޝަނުން ކެންޑިޑޭޓުން ނެރޭނެ ގޮތާއި ގުޅޭ ގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަނީ އިއްޔެ އެމްޑީޕީ އޮފީހަށް ވަޑައިގެން މަޝްވަރާކުރައްވާފަ އެވެ.
އެ މަޝްވަރާގެ ބައްދަލުވުމުގައި މައުމޫންގެ އިތުރުން ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް އާއި، އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲގެ އިތުރުން ޕާޓީތަކުގެ ޕީޖީ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މަޖިލިސް އިންތިޚާބު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދާއިރާތަކަށް ކެންޑިޑޭޓުން ނެރޭނީ ކޯލިޝަންގެ ތެރެއިން ކަމަށް މީގެ ކުރިން ލީޑަރުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޕާޓީތަކުން ވަކިން ދާއިރާތަކަށް ނިކުތުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އެގޮތުން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް މި މަހުގެ 22 ވަނަ ދުވަހު އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާގައި، އެ ޕާޓީ އިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ޤައުމީ މަޖިލީހުން ވަނީ ތާއީދުކޮށްފަ އެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.