ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ވޯޓު ކާމިޔާބުކޮށް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމަށް ރަނުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ކުރީގެ ޑެޕިއުޓީ ހޯމް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ސިއްދީގު މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމަށް އޮތީ ވެރިކަމަށް ވަޑައިގަތުމަށް ރަނުގެ ފުރުސަތެއް ލިބިފައި ކަމަށެވެ. ޖޭޕީން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެފައިވާ މިދަނޑިވަޅުގައި ޖޭޕީއަށް އަންނަނީ މަޖިލީހުގެ ޕީޕީއެމް އަދި އެމްޑީއޭ ބައެއް މެމްބަރުން ވެސް ގުޅެމުންނެވެ.
އެމްޑީޕީ ފަހަތަށް ޖައްސާލުމަށް ފަހު 20 މެމްބަރުންނާއެކު މައިނޯރިޓީ ޕާޓީއަށް ޖޭޕީ ވެފައިވާއިރު މެޖޯރިޓީ ޕާޓީ، ޕީޕީއެމްގައި ތިއްބެވީ 28 މެމްބަރުންނެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރެވޭނީ މަޖިލީހުގެ 58 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
ސިއްދީގު ވަނީ އެ 58 ވޯޓު ހޯދުމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމަށް މާބޮޑު ދަތިކަމެއް ކުރިމަތިނުވެ ކާމިޔާބު ކުރެވޭނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނަކުން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތް އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. އިބޫގެ ސަރުކާރަށް މާދަމާ ދެހަފްތާ ފުރޭއިރު ކޯލިޝަން އޮތީ ބަދަހި ކޮށް ކަމަށް ލީޑަރުން އިއްތިފާގު ވެއެވެ.