Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް މަރުވެއްޖެ

ކަނާތްފަރާތުން ޖޯޖް ހާބާޓް ވޯކާ ބުޝް އަދި ވާތްފަރާތުން އޭނާގެ ދަރިފުޅު ޖޯޖް ވޯކާ ބުޝް

އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް ހާބާޓް ވޯކާ ބުޝް އުމުރުން 94 އަހަރުގައި މަރުވެއްޖެއެވެ.

ޖޯޖް ހާބާޓް ވޯކާ ބުޝް މަރުވެފައިވަނީ ހުކުރު ދުވަހުގެ ރޭ ގައެވެ. އޭނާ މަރުވެފައިވާކަން އޭނާގެ އޮފީހުން ވަނީ ސްޓޭޓްމަންޓަކުން ޔަގީންކޮށްދީފައެވެ. އެ ސްޓޭޓްމެންޓްގައި ޖޯޖް ވޯކާ ބުޝް މަރުވީ ސަބަބު ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ވަނީ ތުރުތުރުއަޅާ ބަލީގެ ވައްތަރެއްގެ ޝިކާރައަކަށް ވެފައި ކަމަށާއި އަދި ދާދި ފަހަކާއި ޖެހެންދެން ނިއުމޯނިއާއަށް ތަފާތު އެކި ފަހަރުމަތިން ބޭސް ކޮށްފައިވާ ކަމަށް ޑެއިލީ މެއިލްއިން ރިޕޯޓް ކުރެއެވެ.

ބުޝް މަރުވިއިރު އޭނާގެ އަނބިކަނބަލުން ބާބަރާ ވެސް ވަނީ މީގެ އަށެއްކަ މަސް ކުރިން މަރުވެފައެވެ. ބުޝް މަރުވިއިރު ދުނިޔޭގައި އޭނާގެ 5 ދަރިން އެބަތިއްބެއެވެ. 17 ކާފަ ދަރިންގެ އިތުރުން 8 މުނިކާފަ ދަރިންވެސް ދުނިޔޭގައި އެބަތިއްބެެވެ.

ބުޝްގެ ދަރި ޖޯކް ވޯކާ ބުޝް ވަނީ އޭނާގެ ބައްޕަ މަރުވުމުން ހިތާމަފާޅުކޮށް ސްޓޭޓްމަންޓެއް ނެރެފައެވެ. އޭނާގެ ބައްޕަގެ މިޒާޖަށް ތައުރީފް ކުރައްވާ ބައްޕަގެ ޚިދުމަތަކަށް އެ ސްޓޭޓްމަންޓްގައި ބަލާލާފައިވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާވެސް ވަނީ ބުޝްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.