ކުރިއަށް އޮތް ތިން އަހަރު ތެރޭ ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ރައީސް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ކ އަތޮޅު ދިއްފުށްޓަށް ވަޑައިގެން އެރަށު ފެނާ ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށް ފަހު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިހާރު ފެނުގެ ޚިދުމަތް 34 ރަށެއްގައި ގާއިމުވެފައިވާ ކަމަށާއި ނަރުދަމާގެ ނިޒާމު ބޭނުންކުރެވޭ ހިސާބަށް ފުރިހަމަކުރެވިފައިވަނީ 64 ރަށުގައި ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން 2021 ވަނަ އަހަރު ނިމެން ވާއިރަށް ފެނާއި ނަރުދަމާގެ ނިޒާމު ހުރިހާ ރަށެއްގައި ގާއިމުކޮށް އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.
ރައީސް އިބޫ އިތުރަށް ވިދާޅުވެފައިވަނީ މިހާރު ދިވެހިންނަށް ލިބޭ އާމްދަނީއާ އަޅާ ބަލާއިރު ރައްޔިތުންނަށް ފޯރުކޮށްދެވޭ އަސާސީ ހައްގުތަށް ވަރަށް މަދު ކަމަށެވެ. އެއީ މިފަދަ ގައުމެއްގައި އެކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށާއި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ، ފެނާއި ނަރުދަމާ އެކި ރަށްތަކުގައި ގާއިމު ކުރުމަށް ހިމަނާފައިވެއެވެ. ރައީސް ވިދާޅުވީ އަހަރު ނިމިގެންދާއިރު 72 ރަށެއްގެ ނަރުދަމާ އަދި 56 ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރެވިފައި އޮންނާނެ ކަމަށެވެ.