ދައުލަތުގެ މާލީ ހާލަތު ކޮންމެ ހަފްތާއަކު އާއްމުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
މިއަދު ކ. ދިއްފުށީގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ޚިދުމަް އިފްތިތާޙްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން، ކޮންމެ ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީ އިން ރާއްޖޭގެ މާލީ ޙާލަތު ހާމަކުރާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ދައުލަތުގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު ހާމަކުރަމުން ގެންދިޔަކަން ފާހަގަކޮށްލެވެ އެވެ.
ދިއްފުށީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރާއްޖޭގެ މާލީ ހަލާތު ދެނެގަނެވި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވޭނެ ގޮތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން ޤައުމު ހިންގަން ބޭނުންވަނީ ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
ރައީސް ސޯލިހު ދިއްފުށްޓަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.