Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ސިޓީ ކައުންސިލްތަކުގެ ބާރުތައް ހަފްތާއެއްގެ ތެރޭގައި ދޫކޮށްލާނަން: ރައީސް ސޯލިހު

ސިޓީ ކައުންސިލްތަކަށް ދެވެންހުރި ބާރުތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކ. ދިއްފުށީ ފެނާއި ނަރުދަމާ ނިޒާމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ޤަމަލުކުރަމުންދާ ލާމަރުކަޒީ ޤާނޫނުގެ ދަށުން، އެމަނިކުފާނަާސް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ސިޓީ ކައުންސިލްތަކަށް ދެވެން ހުރި ބާރުތައް އަންނަ ހަފްތާގެ ތެރޭގައި ދޫކޮށްލައްވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނު ދިރާސާކުރުމަށްފަހު، ގެންނަން ޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުން ކަމަށާއި، އެކަން ކުރެވޭނީ ލާމަރުކަޒީ ޤާނޫނަށް އިސްލާޙު ގެނެސްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކުރުމަށް ވައުދުވެފައިވާ ބައެއް ކަންތައްތައް މިދިޔަ ދެ ހަފްތާގެ ތެރޭގައި ކުރަން ފަށާފައިވާ ކަމަށާއި، އެގޮތުން ގޮތް ނޭނގޭ ގޮތަށް ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ ކަންކަމުގެ ޙަޤީޤަތް ދެނެގަތުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.