Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރައީސް ސޯލިހު، އެމެރިކާގެ ރައީސް އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް ހަރބަރޓް ވޯކަރ ބުޝް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝް އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސް ވަނީ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސެޖުގައި ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝްއަކީ ޤައުމީ ޚިދުމަތުގައި ގިނަ އަހަރުތަކެއްވަންދެން ނަމޫނާ ދެއްކެވި ހިތްވަރުފުޅުގަދަ، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކުރެއްވި ބޭފުޅެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރައީސް ބުޝް ވަނީ 2005 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއެކު ރާއްޖެ ވަޑައިގެން، 2004 ވަނަ އަހަރު ކުރިމަތިވި ފަނާކުރަނިވި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކާއި ބައްދަލުކުރައްވާފައިކަން ރައީސް ސޯލިހުގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ބުޝްގެ ބާރުއެޅުއްވުމާއެކު ސުނާމީއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އ.ދއިން ރާއްޖެއަށް އިތުރު އެހީތައް ލިބުމަށް މަގުފަހިވެގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ ދިވެހިންގެ ހިތްތަކުން ރައީސް ބުޝްއަށް ޚާއްޞަ ޖާގައެއް ދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.