Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު މާލެ ވަޑައިގެންފި

އިންޑިއާ އާއި އެކުވެރި އަރަބް އިއްތިހާދު (ޔޫއޭއީ) ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މާލެ ވަޑައިގެންފި އެވެ.

މިނިސްޓަރ ޝާހިދު މާލެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ. ޝާހިދު އިންޑިއާ އަށް ދަތުރުފުޅު ފެއްޓެވީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޔޫއޭއީ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެޤައުމުގެ ފޮރިން މިނިސްޓަރ ހިޒް ހައިނެސް ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އާއި ބައްދަލުކުރައްވައިފަ އެވެ.

އެގޮތުން ދެ ވަޒީރުން ވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޔޫއޭއީ އަށް ދަތުރުކުރާ ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ އަހަރުން ފެށިގެން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ޔޫއޭއީ އަށް ދަތުރުކުރުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.

ފޮރިން މިނިސްޓްރީގެ ވަފްދު ވަނީ ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ އާއި ވެސް ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓަރ ޝާހިދު ޔޫއޭއީ ކުރެއްވި މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް އާއި ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ހުސެއިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.