ޝާހް ރުކް ހާންގެ ފުރަތަމަ ބްލޮކްބަސްޓާ "ބާޒީގާރް" ގެ ސީކްއެލްއެއްް ހެދުމުގެ ހިޔާލު ގެންގުޅުނު ނަމަވެސް ޝާހް އާ ނުލައި އެ ފިލްމްގެ ސީކްއެލްއެއް ހަދަން ބޭނުން ނުވާ ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރު ކުރި ގަނޭޝް ޖެއިންގެ ބޭނެ ރަތަން ޖެއިން ބުނެފި އެވެ.
އޭނާ ބުނީ "ބާޒީގަރް" ގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ހިޔާލާ މެދު ވިސްނަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ފިލްމްގެ ސީކްއެލްއެއް ހެދުމަށް ތިން ހަތަރު އަހަރު ވެސް ނަގާފާނެ ކަމަށް އޭނާ ބުންޏެވެ.
"އަަހަރެން ބޭނުމެއް ބާޒީގަރްގެ ސީކްއެލްއެއް ހަދަން. އެކަމާ ވިސްނަމުން މި އަންނަނީ. އެކަމަކު މިވަގުތު މި އުޅެނީ އެހެން ޕްރޮޖެކްޓްތަކެއްގައި ވަރަށް ބިޒީކޮށް،" ރަތަން ބުންޏެވެ. "އަދި ޝާހް އާ ނުލައި އެ ފިލްމްގެ ސީކްއެލް ހަދާކަށް ބޭނުމެއް ވެސް ނޫން. ދެން ވާގޮތެއް ބަލަން ތިބެމޭ. އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދެއްކުން ވެސް އަދި މާ އަވަސް."
އައްބާސް/މަސްތާން ޑައިރެކްޓްކޮށް 1993 ވަނަ އަހަރު ގެނެސް ދިން "ބާޒީގަރް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އެ ފިލްމަކީ ޝިލްޕާ ޝެޓީ ބޮލީވުޑަށް ތައާރަފްވި ފިލްމް ވެސް މެ އެވެ. އެ ފިލްމްގައި ޝާހް އާ އެކު ލީޑް ރޯލް ކުޅެފައި ވަނީ ކާޖޮލް އެވެ.
ރަތަން މިހާރު އަންނަނީ އޭނާ ޕްރޮޑިއުސްކޮށް، ދަރްމޭޝް ދަރްޝަން 2000 ވަނަ އަހަރު ގެނެސް ދިން ކާމިޔާބް ލޯބީގެ ފިލްމް "ދަޅުކަން" ގެ ސީކްއެލްއެއް ހެދުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
"އެ ފިލްމަކީ އަނެެއްހެން ބުނާ ނަމަ ކުރީ ފިލްމްގެ ކޮންޓިނުއޭޝަނެއް ނޫން. މުޅިން އާ ވާހަކައެއް. އަދި ފިލްމްގައި ހިމަނާނީ ވެސް އާ ތަރިން،" ރަތަން ބުންޏެވެ.
ހިތްގައިމު ރީތި ލަވަތަކެއް ވެސް ހިމެނޭ "ދަޅުކަން" ގައި ހަރަކާތްތެރި ވަނީ ސުނިލް ޝެޓީ، އަކްޝޭ ކުމާރް އަދި ޝިލްޕާ ޝެޓީ އެވެ.