Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

ޔުނައިޓެޑު އަނެއްކާވެސް އެއްވަރުވެއްޖެ

ޔުނައިޓެޑުން ނެގި ކޯނަރެއް ދޯދިޔާ ވުމުން މޮރީނިއޯ މާޔޫސް ވެފައި. ރޭގެ މެޗުގައި ވެސް އޭނާގެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް-

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ސަދަމްޕްޓަންއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ ނިމިއްޖެއެވެ.

މޮރީނިއޯގެ ޓީމު ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ހަތަރު މެޗު އެއްވަރުވެފައިވާއިރު ހަތަރު މެޗުން ބަލިވެ މޮޅުވެވުނީ އެންމެ ހަ މެޗުންނެވެ.

ރޭގެ މެޗުގައި ވެސް ޔުނައިޓެޑުން ގޯލު ޖަހާފައިވަނީ ފަހަތުން އަރައިގެނެވެ. މެޗުގެ ވަރަށް ކުރީކޮޅު ސަދަމްޓަން އިން ދެ ލަނޑު ޖަހާފައިވަނިކޮށް ޔުނައިޓެޑުން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހައި އެއްވަރުކޮށްފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އާމްސްޓްރޯންގް ސަދަމްޓަން އަށް ލީޑު ނަގާދީފައިވަނިކޮށް 20 ވަނަ މިނެޓުގައި ސެޑްރިކް ލީޑު ފުޅާކުރީ ހިލޭ ޖެހުމަކުންނެވެ. ނަމަވެސް 33 ވަނަ މިނެޓުގައި ލުކާކޫ ވަނީ ޔުނައިޓެޑަށް ގޯލެއް ޖަހާދީފައެވެ. އޭގެ ފަސް މިނެޓު ފަހުން އެންޑަ ހެރޭރާ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފުގައި މެޗުގައި ފެނިގެން ދިޔަ ހަތަރު ގޯލުވެސް ފެނިގެން ގޮސްފައިވާއިރު ފަހު ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މިނަތީޖާއެކު ޔުނައިޓެޑު 7 ވަނައިން އަރައިނުގަނެވި އޮތްއިރު ސަދަމްޓަން އޮތީ 18 ވަނައިގައި ރެލިގޭޝަނާ ހަނގުރާމަ ކުރަމުންނެވެ.