އިދިކޮޅު ކޯލިޝަނުގެ މެދުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގޮނޑި ބެހުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައިނުވާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ އެމްޑީޕީން މަޖިލިސް އިންތިޚާބުގައި އެކަނި ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރުމާ ގުޅިގެންނެވެ. އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވަނީ އިންތިޚާބަށް ކޯލިޝަނުން ވާދަކުރުމަށް ނިންމާފައިވާ ކަމަށް ލީޑަރުން އިއުލާން ކޮށްފައިވަނިކޮށެވެ.
ހަސަން ލަތީފު ވިދާޅުވީ އެކަމާ ގުޅޭގޮތުން ކޯލިޝަނުގައި މަޝްވަރާ ކުރެވުނު ކަމަށާއި އެމްޑީޕީން ހުށައެޅުމެއް ވެސް ހުށައެޅި ކަމަށެވެ. ނަމަވެސް އެއީ އެއްބަސްވުމެއް ނޫން ކަމަށާއި އެމްޑީޕީން ސޮއިކޮށް އެއްބަސްވެފައިވާ އެއްބަސްވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގައި 87 ދާއިރާއެއް އޮތް އިރު އެމްޑީޕީއަށް ކޯލިޝަނުން ދޭން ނިންމީ 35 ދާއިރާއެވެ. އެކަމާ ނުރުހި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ހުށައަޅާފައެވެ. ރޭގެ ގައުމީ މަޖިލިސް ޖަލްސާއިން ވަނީ ނަޝީދުގެ ހުށައެޅުން ފާސްކޮށްފައެވެ.