އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން ހުއްޓާލައިފި އެވެ.
އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުންކަމުގައެވެ. އަދި ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކަކީ، ރާއްޖޭގެ އިޤްތިޞާދާ ނުހަނު ބޮޑަށް ގުޅިފައިވާ ގުދުރަތީ ވަސީލަތްތަކެއްކަމަށާއި، ކަނޑުތަކާއި ފަރުތަކާމެދު ދިވެހިންނަށް ވަނީ ފަރުވާކުޑަކުރެވިފައިކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ، ކަނޑަށްއެޅޭ ކުނިގިނަވުންކަމަށާއި، ކަނޑަށް އެޅޭ ކުނީގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ އެކި ބާވަތުގެ ޕްލާސްޓިކްކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އަދި، މި ޕްލާސްޓިކްތައް ކަނޑުގައި އުޅޭ މަސްމަހާމެހި ކައި ހެދުމުގެ ސަބަބުން އޭގެ ވިހަ މާއްދާތައް މަހުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ކާތަކެތީގެ ތެރެއަށް ވަދެގެންދާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށްކަމަށާއި، މިކަމަށް އޮތް ޙައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުންކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އިސްރާފު ނުކުރުމާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަށް ބޭނުންކޮށް، ނަން- ބަޔޯޑިގްރޭޑަބަލް ނުވަތަ އުކާލުމުން އަވަހަށް ފަނާނުވާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ސޯލިހު ވަނީ އަލިއަޅުއްވާލައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވިގޮތުގައި މިއަދު މި ފެށި ހަރަކާތަކީ ޕްލާސްޓިކުގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކުރުން މަދުކުރުން އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ.