Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިނުގައި ފޮރިން މިނިސްޓްރީ އިން ބައިވެރިވެއްޖެ

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ކެމްޕެއިން ފޮރިން މިނިސްޓްރީގައި އިފްތިތާޙްކުރުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އަބްދުﷲ ޝާހިދު)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިނުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބައިވެރިވެއްޖެއެވެ.

މިއަދު ހެދުނު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ބައްދަލުވުމުގައި މިކެމްޕެއިނުގައި ފޮރިން މިނިސްޓްރީ އިން ބައިވެރިވިކަން އިއުލާންކުރައްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި މިފަދަ ކެމްޕެއިނެއް ފެއްޓެވިކަމަށްޓަކައި ރައީސް ސޯލިހު އަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި މި ކެމްޕެއިންގެ ސަބަބުން އަހަރެއްގެ ތެރޭގައި މި މިނިސްޓްރީން އެކަނިވެސް 27840 ޕްލާސްޓިކް ފުޅި ބޭނުން ކުރުން މަދުކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިމާރާތަކީ އިރުގެ އަލި ވީހާގިނައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އިމާރާތެއްކަމުގައިވާތީ ދުވާލު ގަޑީގައި މަސައްކަތުގައި އުޅުއްވާއިރު ކަރަންޓްގެ ޚަރަދު ކުޑަކޮށް ޤުދުރަތީ އަލި ބޭނުންކުރުން އިތުރުކުރުމަށާއި މިނިސްޓްރީގައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް މުވައްޒަފުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވެވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭނުންކުރުން މަދުކުރުން އިފުތިތާޙުކޮށްދެއްވުމުގެ ގޮތުން މިޙަފުލާގައި މިނިސްޓަރ ޝާހިދު ވަނީ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި ހަދިޔާކުރައްވާފައެވެ.