Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ހައްޔަރުކޮށްގެން ގެންދެވުނީ ކުރީގެ ސާޖެންޓެއް!

އައްޑޫގައި އެސްއޯ ފުލުހުން ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި ރޭ ގާތްގަޑަކަށް 10:00 ޖަހާކަށް ހާއިރު ސ. ހިތަދޫ ގެއެއްގެ ކުރިމަތިން ހުތުރު ބަހުން މުހާޠަބްކޮށް ހައްޔަރުކޮށްގެން ގެންދެވުނީ ޝަރަފްވެރިކަމާ އެކު ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރައްވާފައި ހުންނެވި ކުރީގެ ސާޖެންޓެއް ކަމަށް ހަބަރު ލިބިއްޖެ އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ފުލުހުން ހައްޔަރު ކުރި އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ އޭނާ ދިރިއުޅެމުން އަންނަ ގޭގެ ކުރިމަތީގައި ސިނގިރެޓެއް ބޯން ހުއްޓައި އެތަނަށް އެސްއޯ ފުލުހުން އައިސް އޭނާ ގާތު ކީއް ކުރަނީ ތޯ ސުވާލު ކުރި ކަމަށެވެ. އަދި ސިނގިރޭޓް ބޮނީ ނޫންހޭ ބުނުމުން އޭނާ ޗެކް ކުރަން ބޭނުންވާ ކަަމަށް ފުލުހުން ބުނި ކަމަށް ޖިހާދު ވިދާޅުވި އެވެ.

"އަޅުގަނޑު އެހިން ކޮން ކަމަކާއިގެންތޯ ޗެކް ކުރަނީ. ބުނީމާ ބުނީ ގާނޫނާއި ގަވާއިދާއި ހިލާފް އެއްޗެއް ހުރިތޯ ބަލަން ޗެކްކުރަނީ ކަމަށް. އަޅުގަނޑު ބުނިން ހަމަ ތިގޮތަށް ކޮންމެ ރައްޔިތެއް ވެސް ކަލޭމެންނަށް ހަމަ ޗެކް ކުރެވޭނެހޭ. ބަލަ ކުރި ކުށެއް ދައްކަބަލާށޭ. ބުނިހާ އިރަށް ބުނީ ތިމަންނާ މެންނަށް ޗެކް ކުރެވޭނެއޭ،" ޖިހާދު ވިދާޅުވި އެވެ.

ފުލުހުން ރިޓާޔަ ކޮށްފައިވާތާ އަހަރުވެފައިވާ ޖިހާދު ވިދާޅުވީ އެސްއޯ ފުލުހުން ހުތުރުކޮށް މުހާޠަބް ކުރަން ފެށުމުން އަވަހަށް ޕޮލިސް ޖިޕަށް ގުޅައިގެން ގެނައުމަށް އެދުނު ކަމަށެވެ.

"އަޅުގަނޑު ބުނިން ޗެކެއް ނުކުރެވޭނެއޭ. ކަލޭމެން ތިގެންދާ ތާކަށް ގެންދާށޭ. ޕޮލިސް ޖިޕަށް ގުޅާށޭ. ދެން ޕޮލިސް ޖިޕް ގެނައީމާ އުޅުނީ ފުރަގަހަށް ބިޑި އަޅުވަން. ދެން އަޅުގަނޑު ބުނިން ބިޑި ނޭޅުވޭނެއޭ. ދެން ޖިޕް ދުއްވަން އިން ކުއްޖާ ބުނި އަރުވާށޭ. ކިޔާފައި ގެންދިޔައީ އެސްއޯ ފުލުހުން މިހާރު އުޅޭ ހިތަދޫ އަންދާލި ޕޮލިސް ސްޓޭޝަނަށް. އެތަނަށް ދިޔަ އިރު އެތަނުގެ ކައުންޓަރުގައި ހުރި ކުއްޖާ އަޅުގަނޑު ފެނުމުން ސޯއޭ ކިޔާފައި ގޮވާލި. އޭރު އަޅުގަނޑާ ޒުވާބު ކުރި އެސްއޯ ފުލުސް މީހާ ބުނަމުން ދިޔައީ ތިމަންނާ މެންނަށް ޗެކް ނުކުރެވޭނެ މީހަކު މި ފަސްގަނޑުގަ ނުހުންނާނޭ. ކޮން ފުއްޕުމެއް ފުއްޕާކަށް ހޭ."

ޖިހާދު ވިދާޅުވީ އެސްއޯ ފުލުހުންގެ ބަހުރުވަ އާއި އަމަލް ހުރީ މިހާރު ގަބޫލް ކުރެވޭ ދަރަޖައެއްގައި ނޫން ކަމަށެވެ.

"އަޅުގަނޑު ސްޓޭޝަން ތެރޭގައި ހުއްޓާ މިކޮޅު އިންޗާޖް ރުގިއްޔާ ވަޑައިގަތީ. އޭރު ބައެއް ފުލުހުން ތިބީ ވަރަށް ބޮޑު ޝޮކެއްގައި. ދެން އެސްއޯ ފުލުހަކު އަހަނީ މީ ކާކުހޭ. އަޅުގަނޑު ބުނިން މީ 21 އަހަރު މޯލްޑިވްސް ޕޮލިސް ސާވިސްގައި ހިދްމަތް ކޮށްފައި އަމިއްލައަށް ރިޓަޔަކޮށްފައި ހުރި ސާޖެންޓެކޭ. އެހާ ހިސާބުން އެމީހުން ވަރަށް ކަޑަވި. އަޅުގަނޑު ބުނިން ތި ގޮތަށް އުޅެގެން ފުލުހުންގެ ރެޕިއުޓޭޝަނެއް ނޯންނާނެއޭ. ރައްޔިތުން މިކަޔަނީ ތިވާހަކައޭ، ޕްރޮފެޝަނަލް ވާން ޖެހޭ، ކިއުނުހާ އެއްޗެއް ކިޔާފައި އަޅުގަނޑު ނިކުތީ." ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރި ވަގުތު އެތަނުގައި އޭނާގެ އަންހެނުން ހުރި ކަމަށާއި އެވަގުތު ފުލުހުން އަމަލް ކުރި ގޮތާ މެދު ހައިރާން ވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުވިސްނޭ އެ މީހުން އައިސް ލޮލަށް ފެންނަ ކޮންމެ މީހަކު ބަލައި ފާސްކޮށް ބިރު ދައްކަން ޖެހޭ ސަބަބު. އެސްއޯ ފުލުހުން އެތިބީ ގާނޫނާއި ގަވާއިދަށް ވުރެ މަތީގައި. މީހަކު ޗެކް ކުރަންޔާ އެމީހަކު ޗެކް ކުރަންޖެހޭ ސަބަބު ބުނަން އެބަޖެހޭ. ހަމަ ގާނޫނާއި ގަވާއިދާއި ހިލާފް އެއްޗެއް ހުރިތޯ ބަލާށޭ ކިޔައިގެން އެކަމެއް ނުކުރެވޭނެ." ޖިހާދު ވިދާޅުވިއެވެ.

އެސްއޯ ފުލުހުންގެ އަމަލުތަކާ ގުޅިގެން އައްޑޫގެ މަސްރަހު ފަހަަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.