Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ވިޔަފާރިތައް 24 ގަޑިއިރަށް ހުޅިވައިލުމާ ގުޅޭތުން އައްޑޫ ރައްޔިތުންނާ މަޝްވަރާ ކުރުން މިރޭ

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

24 ގަޑިއިރަށް ވިޔަފާރިކުރަން ހުއްދަ ދިނުމާމެދު އައްޑޫ ސިޓީޣެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް މިރޭ ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ރައްޔާރުކޮށްފައިވާ "24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލު" އަށް އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތައް މިރޭ އޮންނާނެ ކަމަށެވެ.

އެގޮތުން ފޭދޫ އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫ އާއި ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކަމަށާއި، ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ހުޅުމީދޫ އަތޮޅު މަދަރުސާގައި ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ ހުރިހާ ވިޔަފާވެރިންނާއި އާއްމު ފަރުދުންނަށް ވެސް ދައުވަތު އަރުވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ ކުރިން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް "ކުށް މަދުކުރަން" ކަމަށް ބުނެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ވަނީ 24 ގަޑިއިރު ވިޔާފާރިކުރުން މަނާކޮށްފަ އެވެ.