ދިވެހި ރާއްޖެއަށް އިންޑިޔާއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަކިލޭޝް މިޝްރާ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލުކުރައްވައިފިއެވެ.
ސަފީރު މިޝްރާ ނައިބު ރައީސްއަށް ކުރައްވާފައިވަނީ އިހުތިރާމްގެ ޒިޔާރަތެކެވެ. މިބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ބައްދަލުވުމުގައި ސަފީރު ވަނީ، ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ގަސްދުކުރައްވާފައިވާ ކަންކަން ކުރުމުގައި އިންޑިޔާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި ފަންނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އެހެނިގެން ރޮނގުން ވެސް އިންޑިޔާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން ސަފީރު، ނައިބު ރައީސަށް އެރުވިއެވެ.
ނައިބު ރައީސް ފައިސަލް ވަނީ މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމުން އިންޑިޔާ ސަފީރަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަރައި ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.