Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން އެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އައްޑު އަތޮޅު ކުމުންޒާނިގެ ފާތިމަތު އާމިރާ އެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ކޮމިޝަންގެ މެމްބަރު ކަމުގެ ހުވައި، ފާތިމަތު އާމިރާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އާމިރާ އަށް މެމްބަރު ކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ފާތިމަތު އާމިރާއާއި ޙަވާލުކުރައްވާފައެވެ.

ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި، އެ މަޤާމަށް ކުރިމަތިލެއްވި 13 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވީ އާމިރާ އެވެ. އެގޮތުން އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހެޅުމުން، އެ ކޮމިޓީ އިން ދިރާސާކުރުމަށްފަހު އެންމެ މަތިން މާކްސް ދީފައިވަނީ އާމިރާ އަށެވެ. އެއީ 89% މާކްސް އެވެ.