ދިވެހި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅެން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖެ ކޮމަންވެލްތާއި ވަކިވާން ނިންމީ 2016 ވަނަ އަހަރުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެން ވަނީ ރާއްޖެއިން ގުޅުން ކަނޑާފައިވާ ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކާއި ގުޅުން ގާއިމް ކުރުމަށް ނިންމާފައެވެ.
އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށްް ވަނީ ނިންމާފައެވެ.
ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ޖުލައި 9، 1982 ގަ އެވެ. އަދި އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަށް އެެޖަމިއްޔާއިން މަސައްކަތް ކުރާކަމަށް ބުނެއެވެ.