Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް އުފެއްދެވި ކޮމިޝަންތަކަށް ތަހުގީގީ އިދާރާއެއްގެ ބާރު ދެނީ

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހް ވެރިކަމަށް ވަޑައިގެން އުފެއްދެވި ބޮޑެތި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފެއްދެވި ދެ ކޮމިޝަނަށް ތަހުގީގީ އިދާރާއެއްގެ ބާރުތައް ދިނުމަށް މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށައެޅުއްވި ބިލުގައި ރައީސް އުފެއްދެވި ދެ ކޮމިޝަނަކީ ތަހުގީގީ އިދާރާއަކަށް ހެދުމަށް ހުށައަޅާފައިވެއެވެ. "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލްގެ" ހުށައަޅައި މިއަދު ވަނީ ފުރަތަމަ ކިއުން އިއްވައި ބަހުސް ފަށާފައެވެ.

ދެ ކޮމިޝަނަކީ ވެސް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ދެވިފައިވާ ދެ ކޮމިޝަނަށް ހެދުމަށް މިބިލުގައި ހުށައަޅާފައިވެއެވެ. އަދި ކޮމިޝަންގެ އިޖުރާއަތުތައް ހިނގާނީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ކަމަށް ވެސް މެމްބަރު ބިލުގައި ހުށައަޅާފައިވެއެވެ.

މީގެ އިތުރުން ތަހުގީގު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި ބޭރުގެ އިންވެސްޓަރުންގެ އެހީ ހޯދުމުގެ އިތުރުން ތަހުގީގަށް ފެންނަ ހެކިތަކާއި މައްސަލަތަކާ ގުޅޭ ތަކެތި އަތުލައި ހިފެހެއްޓުން އަދި ތަހުގީގުތަކަށް މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ކޮމިޝަނަށް ދޭން ބިލްގައި ހުށައަޅާފައިވެއެވެ.

ކޮމިޝަނުގެ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރުވެސް ދިނުމަށް މިބިލުގައި ވަނީ ހުށައަޅާފައެވެ.