ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުވަސްތަކަކަށް ފަހު އެމަނިކުފާނުގެ ޕާޓީ މެމްބަރުންނާއި ސަޕޯޓަރުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޓިކެޓު ދިނުމަށް ބާއްވާ ޖަލްސާގައި މިރޭ ޔާމީން ބައިވެރިވެވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
މިޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރިޔާސީ އިންތިޚާބުން ޔާމީން ނާކާމިޔާބުވެވަޑައިގެންނެވި ފަހުން ތިން ފަހަރު ރައްޔިތުންނާ މުޚާތަބު ކުރެއްވިއެވެ. ދެފަހަރަކީ ރަސްމީ ގޮތުން ރައީސް އޮފީހުގައި އެމަނިކުފާނު އެރުވި ޚިތޯބެވެ. އަދި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާކަން އިއުލާން ކުރެއްވުމަށް ޕީޕީއެމް އޮފީސް ބޭރުގައި އެއް ފަހަރު ވާހަކަ ދެއްކެވިއެވެ.
ޔާމީންގެ ރިޔާސީ ދައުރު ހަމަވެ ވެރިކަމުން ވަކިވެވަޑައިގަތް ފަހުން އަދި މިހާތަނަށް އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފައެއް ނުވެއެވެ. އަދި އެނޫންގޮތަކަށް ވެސް ސަޕޯޓަރުންނާއި ޕާޓީ މެމްބަރުންނާ މުޚާތަބުކޮށްފައެއް ވެސް ނުވެއެވެ.