Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދަދޭނަން: އެމްސީ ހަމީދު

ދިވެހި ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު އޮތް އިދާރާއެއްގެ ގޮތުގައި އަލުން ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ފުލުހުންގެ ޗީފް ސުޕްރިޑެންޓް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މަގާމުން 2012 ވަނަ އަހަރު ވަކިކުރީ އޮންނަ އުސޫލާ ޚިލާފަށް ކަމަށާއި އޭނާއަށް ވަކިކުރިއިރު ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން ހަމީދު ވަނީ އޭނާގެ ދިފާއުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ފުލުހުންގެ ޔުނީފޯމު އަނެއްކާވެސް އަޅުއްވާނެ ކަމަށާއި ރައްޔިތުންގެ ޚިދުމަތުގައި އަނެއްކާވެސް ނިކުމެވަޑައިގަންނަވާނެ ކަމަށް ހަމީދު ވިދާޅުވެފައިވެއެވެ. ކޮންމެ މަގާމެއްގައި ހުއްޓަސް ދެމިހުންނާނީ ރައްޔިތުންނާއި ފުލުުހުންނަށް ޚިދުމަތް ކޮށްދެއްވުމަށް ކަމަށާއި ފުލުހުންނަށް ރައްޔިތުންގެ ކިބައިން ގެއްލިފައިވާ އިތުބާރު ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމްސީ ހަމީދު މަގާމުން ވަކިކުރީ 2012 ވަނަ އަހަރު ފުލުހުންގެ ސިއްރު ބައެއް މައުލޫމާތު ލީކު ކޮށްލުމާ ގުޅިގެންނެވެ. އެމައްސަލާގައި އޭނާ ދުވަސްތަކެއް ވަންދެން ދޫނިދޫ ޖަލުގައި ބަންދުވެސް ކުރިއެވެ. ނަމަވެސް ދައުވާ ނުކޮށް ވަޒީފާއިން ވަކިކުރުމަށް ފަހު ހަމީދު ވަނީ މިނިވަން ކޮށްފައެވެ.