ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މާސޭސައިޑް ޑާބީގައި ލިވަޕޫލް، އެވަޓަންގެ މައްޗަށް ހޯދި މޮޅު ފާހަގަކުރުމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ދަނޑު މައްޗަށް އެރުމުން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެންފީލްޑްގައި ކުޅުނު މިމެޗުގެ އެންމެ ފަހު ވަގުތު ޑިވޮކް އޮރީގީ ޖެހި ލަނޑުން ލިވަޕޫލް މޮޅުވެފައިވާއިރު ކްލޮޕް ވަނީ މެޗު ނުނިމެނީސް ދުވެފައި ގޮސް ދަނޑު މައްޗަށް އަރައި ކީޕަރު އެލިސަން ގައި ބައްދާލާފައެވެ.
ކޯޗުން ދަނޑު މައްޗަށް އެރުމާ ގުޅޭގޮތުން އެފްއޭ އިން ހަރުކަށި ފިޔަވަޅު އާންމުކޮށް އަޅާއިރު ކްލޮޕް އަށް އަދި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މެޗު ނުނިމެނީސް ދަނޑު މައްޗަށް އެރުމުން ކްލޮޕްއަށް އަންނާނީ ބޮޑުވެގެން ޖޫރިމަނާއެކެވެ.
މެޗުގެ ކުޅުން ހުއްޓުވުމަށް އޭނާގެ އަމަލުގެ ސަބަބުން އައިސްފައިނުވާތީ ބެންޗުން ބޭން ކުރާނެ ކަމަކަށް ނުބެލެވެއެވެ. ކްލޮޕްގެ ލިވަޕޫލް ޓީމުން މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު ލިވަޕޫލް އޮތީ ތާވަލުގެ ދެވަނައިގައެވެ.