Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޕީޕީއެމް ބައެއް މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ހުށައެޅިފައިވާ ބިލަކާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި އިތުރު ބައެއް މެމްބަރުން އިހުތިޖާޖުކޮށް އަޑުއުފުލަމުން ގެންދަނީ ގާނޫނާ ޚިލާފު ބިލެއް ހުށައަޅާފައިވާ ކަމަށް ބުނެއެވެ. ރައީސުލްޖުމުހޫރިއްޔާ އުފައްދަވާފައިވާ ކޮރަޕްޝަނާއި ބޮޑެތި މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ބާރު ދިނުމަށް ހުށައަޅާފައިވާ ބިލާ ދެކޮޅަށް މެމްބަރުން ގެންދަނީ އަޑު އުފުލަމުންނެވެ.

މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމް ވަނީ ތަކުރާރުކޮށް މެމްބަރުން ގޮނޑިތަކުގައި އިށީނދެވަޑައިގެން ތިއްބެވުމަށާއި ވަކި ވަކިން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު އަރުވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މެމްބަރުން ވަނީ ރައީސްގެ ޗެމްބަރު ކައިރީ އަޑުއުފުލުން ކުރިއަށް ގެންދަވާފައެވެ.

ގާސިމް ވަނީ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް، މި ބިލަކީ ގާނޫނާއި ޚިލާފު ބިލެއް ނޫން ކަމަށް ލަފާ އަރުވާފައި ކަމަށް މެމްބަރުންނަށް ޖަވާބު ދެއްވަމުން ވިދާޅުވެފައެވެ. ގާނޫނީ ފުށުއެރުމެއް އޮތް ކަމަށްވާނަމަ ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވި ނަމަވެސް މެމްބަރުން ވަނީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.

މީދޫ ދާއިރާގެ މެމްބަރު ސިފަ ކުރަނީ މެމްބަރުންގެ އިހުތިޖާޖަކީ އެބޭފުޅުން ކޮށްފައިވާ "ވައްކަން" ބެލުމާ ދެކޮޅަށް ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައެވެ. އެގޮތުން ރޮޒޭ ވަނީ 'ހުރިހާ ވަގުން ވައްކަން ބެލުމާ ދެކޮޅު ހަދާ އިހުތިޖާޖު ކުރަނީ' ލިޔެފައި ޓުވީޓެއްވެސް ކުރައްވާފައެވެ.