ރާއްޖޭގެ ތަޢުލީމީ ޙާލަތު މިހާރު އޮތް ހިސާބުން ކުރިއަށް ގެންދިޔުމަށްޓަކައި އާ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށް ރައީސް ޑޮރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިފްތިތާޙު ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ރާއްޖެ މިއޮތީ 1970 ގެ އަހަރުތަކުގެ ތެރޭގައި ނޫންކަމާއި، މިއަދު ދުނިޔެއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް ކިޔަވައިދެމުން ގެންދާ އުޞޫލުތަކަށް މާ ބޮޑު ބަދަލުތަކެއް އައިސްފައި ނުވާ ކަމަށާއި، މިއަދު ވެސް ކިޔަވައި ދެމުން ގެންދަނީ، ވަރަށް ކުރީގެ މޮޑެލަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ކިޔަވައި ދިނުމުގެ އުޞޫލުތައް ރޭވިފައި ހުރީ، ގިނަ ޢަދަދެއްގެ ކުދިންނަށް އެއްޗެތި ދަސްކޮށް ދިނުމުގެ ވިސްނުމުގައި ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ކުދިންނަށް ޢިލްމީ ޤާބިލުކަން ހޯދައި ދިނުމުގެ ގޮތްތައް މިއަދު ރާވަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ބައްލަވައިލެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޮންމެ މީހަކީ ވެސް އަބަދާއި އަބަދު މަޢުލޫމާތު ހޯދައި، ޢިލްމު ހޯދުމުގެ މަސައްކަތް ކުރަން ޖެހޭ މީހެއް ކަމަށާއި، މި ގޮތަށް މަސައްކަތް ކުރަމުން ނުދާ ނަމަ، އެކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު އިފްތިތާޙު ކުރެއްވި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ މަސައްކަތްތަކުގެ މައްޗަށް ރައީސް ބައްލަވައިލައްވަމުން، އެ އިންސްޓިޓިއުޓްގައި މަސައްކަތް ކުރައްވަން ތިއްބަވަން ޖެހޭނީ، އެކި މާއްދާތައް ކިޔަވައި ދެއްވުމުގެ ތަޖްރިބާކާރު މާހިރުން ކަމަށާއި، މި މަސައްކަތް ވަރަށް ރަނގަޅަށް ކުރަންޖެހޭ ކަމުގައި ވިދާޅުވި އެވެ.
އަދި މި މަސައްކަތް ނުކުރެވޭ ކަމަށްވާ ނަމަ، ތަޢުލީމީ ނިޒާމު ވެސް މަޑުމަޑުން ދާނީ ދަށަށް ކަމަށާއި، އޭގެ ސަބަބުން ޤައުމުގެ ވިސްނުމާއި، ޤައުމުގެ ކުރިއެރުން ވަރަށް ބޮޑަށް ބަނަވެގެން ހިނގައި ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތާރީޚަށް ބައްލަވައިލައްވަމުން، ރާއްޖޭގައި އެކި ދުވަސްވަރު ވެރިކަން ކުރެއްވި ބޭފުޅުންނާއި، ތަޢުލީމީ ވުޒާރާ ހިންގެވި ބޭފުޅުން، ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދެވުމަށް ދެއްވި އަހަންމިއްޔަތު ފާހަގަ ކުރެއްވި އެވެ.
އަދި ރާއްޖޭގައި މި ޒަމާނުގެ ތަޢުލީމުދޭން ފެށުނު ގޮތުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖެއިން ބޭރުން ތަޢުލީމީ އެކި ފަންނުތަކުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ވަޑައިގެންނެވި ބޭފުޅުން، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރައްވައި، ކުރިއަށް ގެންދެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަ ކުރެއްވި އެވެ.