މައްސަރު ޓެކްސް އުވާލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
އެގޮތުން މިދިޔަ ނޮވެންބަރު މަހުގެ 28 ވީ ބުދަ ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއިން ފާސްކުރެއްވި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ސޯލިހު މިއަދު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، މައްސަރު ދުވަސްވަރުގައި އަންހެނުން ބޭނުންކުރާ ޕެޑުފަދަ ތަކެތިން ނަގަމުން އައި 6% ޖީއެސްޓީ ނެގުން މަނާވާނެ އެވެ.
ޖީއެސްޓީ ޤާނޫނަށް ގެނެވުނު މި އިޞްލާޙާ ގުޅިގެން، ސެނިޓަރީ ނެޕްކިން، ޓެމްޕޮން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެއްޗަކީ ސުން-ރޭޓު ކަނޑައަޅާފައިވާ އަސާސީ މުދާ ކަމަށްވަނީ ކަނޑައަޅާފައެވެ.
މައްސަރު ދުވަސްވަރު ބޭނުންކުރާ ތަކެތިން ޖީއެސްޓީ ނަގަމުން އަންނާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް ކެމްޕެއިން ކުރަމުން އަންނަނިކޮށް، ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްގެ ގޮތުގައި މައްސަރު ޓެކްސް އުވާލުން އިއުލާންކުރައްވާފައެވެ.