Last Updated: May 14, 06:06
Tuesday, May 14, 2024
ޚަބަރު

އެއްވެސް މުވައްޒަފަކު ވަކި ނުކުރާނަން: ފެނަކަ

އައްޑޫގެ ސަޕްލައި ފެނުގެ ހިދުމަތް އިފުތިތާހު ކުރަން ބޭއްވި ބައްދަލުވުމުގައި ނުއުމާން ވާހަަކަ ދައްކަވަނީ. ފޯޓޯ/ ރައީސް އޮފިސް

ސަދަން ޔޫޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) މުވައްޒަފުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ވަގުތީ ގޮތުން ބަދަލު ކުރުމާ ގުޅިގެން މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އޭގެ ތެރެއިން އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.

"އައްޑޫ ލައިވް" އަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަހުމަދު ނުއުމާން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ އޮނިގަނޑު ހެދުމަށް ފަހު މުވައްޒަފުން އެ އޮނިގަޑާ އެއްގޮތަށް ބަދަލުކޮށްފައިވާ އިރު އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރާނެ ކަމަށެވެ.

ފެނަކަ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ދިގު މުއްދަތަކަށް އިންޖީނުގޭގެ ވަޒީފާ އަދާކޮށްފައި ތިބި މުވައްޒަފުންތަކެއް ކުއްލި ގޮތަކަށް ތިން މަސް ދުވަހުގެ މަގުތީ މުވައްޒަފުންނަށް ބަދަލު ކުރުމާ ގުޅިގެންނެވެ. އަދި އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ މުސާރަ ކުޑަވެފައިވުމަކީ ވެސް އެ މީހުންގެ ޝަކުވާއެކެވެ.

ނުއުމާން ވިދާޅުވީ މުވައްްޒަފުންގެ ވަޒީފާ ހަމަޖެހިފައިވާނީ އެމްއީބީގައި އުޅުނު ދުވަސްވަރާއި ސްޓެލްކޯ އަދި އެސްޔޫއެލްގައި އުޅުއްވި މުއްދަތު ހިމަނައިގެން ކަމަށެވެ.

"ކުރިން އުޅުއްވި ބޭފުޅުންގެ ވަޒީފާގެ މުއްދަތު ހަމަޖެހިފައިވާނީ އެބޭފުޅުން ކުރިން އުޅުއްވި ކުންފުނިތަކުގެ މުއްދަތު ވެސް ހިމަނައިގެން. އެހެންވެ އެބޭފުޅޫންގެ ވަޒީފާގެ މުއްދަތަކަށް ބަދަލެއް ނާންނާނެ." ނުއުމާން ވިދާޅުވި އެވެ.

ނުމުމާން ވިދާޅުވީ 1600 އެއްހާ މުވައްޒަފުން ފެނަކަ ކޯޕަރޭޝަނުގައި އުޅޭ އިރު މުސާރައިގެ މައްސަލަ އުޅެނީ އޭގެ ތެރެއިން 50 އެއްހާ މުވައްޒަފުންގެ ކަމަށެވެ. އަދި އެކަން ހައްލު ކުރުމުގެ މަަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އެބަ އުޅޭ 1،600 އެއްހާ މުވައްޒަފުން އޭގެތެރެއިން 50 އެއްހާ މުވައްޒަފުންގެ މުސާރައިގެ މައްސަލަ އުޅެނީ، އެކަން ހައްލު ކުރުމުގެ މަސައްކަތް އެބަ ހިނގާ." އޭނާ ވިދާޅުވި އެވެ.

ނުއުމާން އަދި ވިދާޅުވީ މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރާ މީހުން ދޫކޮށްލާނީ ހާއްސަ ޕެކޭޖަކާ އެކު ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އޮނިގަނޑު ހެދިފައިވާ ގޮތުން މުވައްޒަފުންނަށް އޮތީ ރަނގަޅު ގޮތްތައް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އިންޖީނުގެތަކުގައި އަޅުގަނޑުމެންނާ އެކު ތިއްބެވީ ވަރަށް ގާބިލް އަދި އެހާމެ ހީވާގި މުވައްޒަފުން. އެ ބޭފުޅުންގެ ތަޖްރިބާ އާއި ހުނަރަ އެއީ އަޅުގަނޑުމެން ކުންފުނިން ހަދާން ނައްތާލާނެ ކަަމެއް ނޫން. އަޅުނޑުމެންގެ އެކަން ފާހަގަ ކުރަން." ނުއުމާން ވިދާޅުވި އެވެ.