އައްޑޫގެ މަގުތަކަކީ ޓްރެފިކްގެ ގޮތުން އަމާން ތަނަކަށް ހެެދުމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އައްޑޫ ސިޓީ ކައުންސިލާއި ފުލުހުން އަދި ޓްރާންސްޕޯޓު އޮތޯރިޓީ އާއި މަޝްވަރާ ކުރައްވައިފިއެވެ.
ސައުތު އެފްރިކަން އެއާލައިންސް ގަމަށްް ދަތުރުފެށުން އިފްތިތާހު ކުރެއްވުމަށް ހުކުރު ދުވަހު އައްޑުއަށް ވަޑައިގެންވި މިނިސްޓަރ އައިޝާ ވަނީ މިއަދު ހިތަދޫގައި ހުންނަ ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި އެތަނުގެ ހިދްމަތް ދެމުންދާ ގޮތާއި ގުޅޭ ގޮތުން މުވައްޒަހުންގެ ފަރާތުން މައުލޫމާތު ހޯއްދަވާފައެވެ. އަދި އިތުރަށް ހިދްމަތް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން އައްޑޫގެ މަގުތަކުގައި ހިނގާ އެކްސިޑެންޓު ތަކާއި ގުޅޭ މައުލޫމާތު ފުލުހުންނާއި ބައްދަލު ކުރައްވައި ވަނީ އޮޅުން ފިލުވާފައެވެ. ފުލުހުން ވަނީ ލިންކު ރޯޑުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މަގުގެ މައްސަލަ ތައް ފާހަގަކޮށްފައެވެ. އަދި އެކަންކަް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި މަޝްވަރާ ކުރައްވާފައެވެ.

މިނިސްޓަރގެ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުނސްސިލާއި ބައްދަލު ކޮށް ކުރެވުނު މަޝްވަރާތަކުގައި އައްޑޫގެ ލިންކްރޯޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުންނާ އެކްސިޑެންޓްތައް މަދުކުރުމަށް ހާއްސަ ގޮތެއްގައި ވަނީ ވާހަކަ ދައްކާ މަޝްވަރާތައް ކޮށްފައެވެ. އަދި ކައުންސިލުން ވަނީ އައްޑޫގެ ދަތުރުފަތުރުގައި ދިމާވާ ދަތިތައް ފާހަގަކޮށް މިނިސްޓަރަށް ހުށައަޅާފައެވެ.
މިނިސްޓަރ ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ތަކެތި މިހާރު ގެނެސްފައިވާ ކަމަށާއި ޑިސެންބަރުމަސް ނިމުމުގެ ކުރިން މަގުތަކުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އެ ބައްދަލުވުން ތަކުގައި ސަރުކާރުގެ ވައުދު ތަކުގެ ތެރެއިން ކައުންސިލް ތަކަށް ބާރު ދިނުމަށްފަހުގައި ޓްރާންސްޕޯޓްގެ ކަންކަން މިނިސްޓްރީއާ އަދި ޓްރާންސްޕޯޓް އޮތޯރިޓީ އާ ގުޅިގެން ކުރިއަށްގެންދާނެ ގޮތާބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީއަކީ އަބަދުވެސް ގުޅިގެން މަސައްކަތް ކުރުމުގައި އެއްބާރުލުން ދެމުން އައިސްފައިވާ އޮތޯރިޓީއެއް ކަމަށާއި ކުރިއަށް އޮތްތާގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއެކުވެސް ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރ ވަނީ ބައްދަލުވުން ތަކަށްފަހުގައި އައްޑޫސިޓީގެ މަގުތަކަށް ގޮސް މަގުތަކުގެ ހާލަތު އަދި ދަތުރު ފަތުރު ކުރުމުގައި ބޭނުންވާ ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބައްލަވާފައެވެ.