މިދިއުމުރުން 65 އަހަރު ފުރުނަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
ޤާނޫނު އަސާސީއަށް ގެނެވުނު މި އިޞްލާޙާ ގުޅިގެން، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރެއިން މިމާއްދާގެ (ނ) ގައި ބަޔާންކުރާ، ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ އުމުރަކީ ޢުމުރުން 35 އަހަރު ވެފައިވާ މީހަކުކަމުގައިވުން، ކަމުގައި ކަނޑައެޅިގެން ދިޔައީއެވެ.
އުމުރުން 65 އަހަރު ވުމުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިނުލެވޭ ގޮތަށް ޤާނޫނު އަސާސީ އަށް ގެނައި އިސްލާޙް ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުށައަޅައި ފާސްކުރި މި އިސްލާހު ބާތިލުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
2015 ވަނަ އަހަރު ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ގެނައި އިސްލާހެއްގައި ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ އުމުރު 30 އަހަރާއި 65 އަހަރަށް ހަދާފައިވެއެވެ. އެއިސްލާހު ބާތިލުކުރަން ހުށައެޅީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.