އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސް ރީޓީ މިޝްރާ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގަައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހު އާއި، އަކިލޭޝް މިޝްރާއާ ދެބޭފުޅުންވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާއާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާއިގުޅޭގޮތުންނާއި، ކުޅިވަރުގެ ދާއިރާއާއި، ގެދޮރު އިމާރާތްކުރުމާއި، ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއިބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިބައްދަލުކުރެއްވުމުގައި އަކިލޭޝް މިޝްރާ ދެއްކެވި ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި، އިންޑިޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ. އަދި، އިންޑިއާގެ ސަފީރުގެ ވާހަކަފުޅުގައި، އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި އެކުގައި މަސައްކަތްކުރުމަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.