މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) ގެ 16 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން، އެމް.އެން.އޭ.ސީ.އައިގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންވަނީ ރައީސް ސޯލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި އެމް.އެން.އޭ.ސީ.އައިގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންވަނީ އެމް.އެން.އޭ.ސީ.އައި ގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރިކަންކަމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސް ސޯލިހު އާއި ޙިއްޞާކުރައްވާފައިވާ ކަމަށެވެ. އަދި ސަރުކާރާއި، އަމިއްލަ ޖަމުޢިއްޔާތަކާއި، ވިޔަފާރިވެރިން ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން އެބޭފުޅުން ވަނީ ފާހަގަކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސޯލިހު ވިދާޅުވީ އެމް.އެން.އޭ.ސީ.އައިގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައިދެއްވާނެކަމަށާއި، އެބޭފުޅުންގެ މަސައްކަތް ކުރިޔަށްގެންދިޔުމުގައި ދިމާވާ ދަތިތަކާއި މައްސަލަތަކަށް ޙައްލު ހޯދުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އެމް.އެން.އޭ.ސީ.އައިގެ ފަރާތުން ރައީސް ސޯލިހު އަށް ވަނީ ރަމްޒީ ފިލައެއް ވެދުންކުރައްވާފައެވެ.