ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މރ. ޖާންގް ލީޖޮންގް، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮންނަ ގާތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް ފޮރިން މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.
ޗައިނާގެ ސަފީރު މިއަދު ފޮރިން ސެކްރެޓަރީ އާއި ބައްދަލުކުރެއްވިއިރު، ސަފީރު ވަނީ މީގެ ކުރިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ފޮރިން މިނިސްޓްރީ އިން ހާމަކުރި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ފޮރިން މިނިސްޓަރ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގަންނަވާނެ އެވެ.