އދ ގެ މަންދޫބުންތަކެއް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
އެގޮތުން މިއަދު މިނިސްޓަރ ޝާހިދުގެ އަރިހަށް ޒިޔާރަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޝޮކޯ ނޮޑާ އާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މަންދޫބު ޑރ. އަރްވިންދު މާތުރް އާއި ޔުނިސެފްގެ މަންދޫބު މުހައްމަދު އަލް މުނީރު ހިމެނިވަޑައިގަންނަވަ އެވެ.
މި ބައްދަލުކުރެއްވުމުގައި މި ބޭފުޅުން ވަނީ ދިވެހިރާއްޖެ އާއި އދ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.
އދ ގެ މަންދޫބުން މިއަދު މިނިސްޓަރ ޝާހިދު އާއި ބައްދަލުކުރެއްވިއިރު، “ކޮންވެންޝަން އެގެއިންސްޓް ޓޯރޗަރ އެންޑް އަދަރ ކްރޫއަލް، އިންހިއުމަން އޯ ޑިގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" އާ އެއްގޮތަށް ޤައުމުތަކުން ޢަމަލުކުރަމުންދާ މިންވަރު ބަލާ އދ. ގެ "ކޮމެޓީ އެގެއިންސްޓް ޓޯޗަރ" އަށް ކުރީގެ ސަރުކާރުން ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން، އާ ސަރުކާރުން ވަނީ ދާދިފަހުން އެކޮމިޓީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގެންފަ އެވެ.