ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވަނީ ޖޭޕީއަށް ސޮއިކޮށްފައި ކަމަށް އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
އަލީ ސޯލިހް މިހެން ވިދާޅުވެފައިވަނީ އެ ދެމެމްބަރުން ސިއްރުން ޖޭޕީއަށް ސޮއިކުރީތޯ ސުވާލު ކުރުމުންނެވެ. ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވިދާޅުވީ މެމްބަރުން ސޮއިކުރީ ސިއްރުން ނޫން ކަމަށާއި، ދެ މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް ޖޭޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަބްދުﷲ ރިޔާޒު އައްޔަން ކުރެވުނު ވާހަކަ އިއުލާން ކުރެވުނު ކަމަށެވެ.
އަލީ ސޯލިހް އެހެން ވިދާޅުވި ނަމަވެސް ޖޭޕީގެ ލީޑަރ ގާސިމް އިބްރާޙިމް ވަނީ ޖޭޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައެވެ. ނަމަވެސް ސައުދުއާއި ލަތީފް ޖޭޕީއާ ގުޅުނު ކަމެއް މީގެ ކުރިން ރަސްމީކޮށް އެއްވެސް ފަރާތަކުން އިއުލާން ކޮށްފައެއް ނުވެއެވެ.
ދެ މެމްބަރުން ޖޭޕީ މެމްބަރުންގެ ގޮތުގައި ތިބިކަން ހާމަވެފައިވަނީ މިއަދު އެޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ދެ މެމްބަރުން ހާޒިރުވެ ތިބި ފޮޓޯއެއް އާންމުވުމާ ގުޅިގެންނެވެ.