Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުރަތަމަ ފަހަރަށް ވައްކަމާއި ޚިޔާނާތް ދިފާއުކުރިތަން ފެނިއްޖެ: އީވާ

މިއަދަކީ ރައްޔިތުންގެ މަޖިލީހުގައި ވައްކަމާއި ޚިޔާނާތް ދިފާއުކުރަން މެމްބަރުންތަކެއް ތެދުވުނު ދުވަހެއް ކަމަށާއި އެފަދަ މަންޒަރެއް މިހާތަނަށް ރާއްޖެއިން ދެކެފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާ އެކުލަވާލާފައިވާ ކޮރަޕްޝަނާއި ބޮޑެތި މަރުތައް ތަހުގީގު ކުރާ ކޮމިޓީތަކަށް ތަހުގީގީ އިދާރާއެއްގެ ބާރު ދިނުމަށް މަޖިލީހަށް ބިލެއް ހުށައެޅުމުން، އިދިކޮޅު މެމްބަރުން އެކަމާ ދެކޮޅަށް މަޖިލީހުގައި އިހުތިޖާޖު ކުރުމުންނެވެ.

މެމްބަރުންގެ އިހުތިޖާޖާއި އަޑުގަދަކުރުމުގެ ސަބަބުން މަޖިލީހުގެ ރައީސަށް އެ ބިލަށް ވޯޓަށް އެހުމަށް ވެސް ފުރުސަތެއް ނުލިބުނެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެންމެ ފަހަކަށް ވޯޓަށް އެހުން ފަސްކޮށް ޖަލްސާ ނިންމަވާލައްވާފައެވެ.

ޕީޕީއެމް މެމްބަރުން ބުނެފައިވަނީ އިހުތިޖާޖު ކުރަން ޖެހުނީ، ބިލް ހުށައެޅިއިރު ކޮމިޝަނުން މަސައްކަތް ކުރަން އޮތް ތާރީޚާ މެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ. އެގޮތުން ބިލް ހުށައެޅުއްވި މެމްބަރު ބިލް ހުށައަޅާފައިވަނީ ކޮމިޝަނުން ބަލާ މައްސަލަތަކަކީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ހިނގާފައިވާ ކަންތައްތައް ކަމަށް އޮތުން ބަލައިނުގަނެވޭނެ ކަމަށް މެމްބަރުން ބުނެފައިވެއެވެ.

އަދި ކުރީގެ ސަރުކާރުތަކުގައި ހިނގާފައިވާ ކޮރަޕްޝަން ބަލަން ކޮމިޝަނަށް ބާރު ނާޅާތީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވެއެވެ. އަދުރޭ ވިދާޅުވީ ކުރީގެ ރައީސް ނަޝީދާއި މައުމޫންގެ ވެރިކަމުގައި ވެސް ކޮރަޕްޝަނުގެ އަމަލުތަކާއި ގޮތް ނޭނގޭ މަރުތައް ހިނގާފައިވާ ކަމަށެވެ. އެކަންތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.