އަންނަ މާޗު މަހު ބާއްވާ މަޖްލިސް އިންތިހާބުގައި ވާދަ ކުރުމަށް މިހާރު މަޖްލިސް ތަމްސީލު ކުރައްވާ ޕީޕީއެމްގެ ހުރިހާ މެމްބަރުންނަށް ޕާޓީ ޓިކެޓު ދޭން ނިންމައިފިއެވެ.
އެގޮތުން ވިލިމާފަންނު ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކާއި ދާންދޫ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ އަހުމަދު އައްސަދު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވާދަކުރައްވަނީ މިހާރުވެސް ތަމްސީލް ކުރައްވާ ދާއިރާތަކަށެވެ.
ޕީޕީއެމް ޓިކެޓު ޕްރައިމަރީއަކާ ނުލާ މިހާރު ތިއްބެވި މެމްބަރުންނަށް ދެއްވުމުން ގިނަ ބަޔަކު އަންނަނީ ޑިމޮކްރަސީއާ ޚިލާފު ނިންމުމެއް ޕީޕީއެމުން ނިންމީތީ ފާޑުކިޔަމުންނެވެ. ރައީސް ކަމުގައި ޔާމީން ހުންނެވި އިރު އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ވެސް ޕްރައިމަރީ އެއް ބޭއްވުމަކާ ނުލައެވެ.
އިދިކޮޅާއި ގުޅިވަޑައިގަތް 12 މެމްބަރުންނަށް ވެސް ޕްރައިމަރީއާ ނުލާ ގޮނޑިއަށް ވާދަކުރަން ފުރުސަތު ދިން ކަމަށް އިއްތިހާދުން ކުރިން ބުނި ނަމަވެސް އެމްޑީޕީން ވަނީ ޕްރައިމަރީ އޮންނާނެ ކަމަށް ބުނެފައެވެ. އަދި ފަހުން، އެމްޑީޕީން ވަނީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ހުރިހާ ދާއިރާއަކަށް އެޕާޓީން ވާދަކުރުމަށް ނިންމާފައިވާކަން ގައުމީ މަޖިލިސް މެދުވެރިކޮށް އިއުލާން ކޮށްފައެވެ.