ޚަބަރު

މިވެރިކަން ކުރަނީ އަޅުގަނޑު ކުރި ގޮތަކަށް ނޫން: ޔާމީން

ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ހިންގަވަނީ އެމަނިކުފާނު ކުރެއްވި ގޮތަކަށް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވެރިކަމުން ދުރުވި ފަހުން ޔާމީން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ރޭ ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވި ގޮތަކަށް މިހާރުގެ ވެރިކަން ކުރެވެމުން ނުދާ ކަމަށެވެ. މިވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރެވިދާނެތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ސިޔާސީ މީހަކު ހައްޔަރުކުރީ ދެ އަހަރު ފަހުން 2015 ވަނަ އަހަރުގައި ކަމަށެވެ.

އަދި ކުށެއް ނުކުރާ އެއްވެސް މީހަކު ހައްޔަރުކުރެވިފައިނުވާނެ ކަމަށާއި އެމަނިކުފާނުވެސް ހައްޔަރުކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އެސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވިއެވެ. ތަކުރާރުކޮށް ހައްޔަރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބޭރުން އަންނަ މީހުންވެސް ހައްޔަރުކުރަން ގޮވިދާނެ ކަމަށެވެ.

ވެރިކަމުގައި ހުންނަވައި ރައީސް ޔާމީންގެ ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ޔާމީން ހައްޔަރުކޮށް ތަހުގީގު ކުރަން ގޮވާލާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮރަޕްޝަން ތަހުގީގު ކުރުމަށް ޚާއްސަ ކޮމިޓީއެއް ވެސް އުފައްދަވާފައެވެ.

ރައީސް އިބޫ ވަނީ ދިވެހި ރައްޔިތުންގެ ޚަޒާނާއިން އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ކެމްޕޭނުގައި ވިދާޅުވި ވާހަކަ ވެރިކަމުގެ ހުވާކުރެއްވި ދުވަހުވެސް އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.